ނ. ލަންދޫ

ލަންދޫ، ދިވެހި ރާއްޖެ

ލަންދޫ

ލަންދޫ އަކީ އިހުގައި ބޮޑުތިލަދުންމަތި ކިޔާހިސާބުން އެންމެ ދެކުނަށް އޮންނަ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްތަކުގެ ތެރެއިން އިރުބިތުގައި އޮންނަ ގާމަތި ރަށެކެވެ. ޖިއޮގްރަފިކަލް ގޮތުން ލަންދޫ އުފެދިފައިވަނީ ހައްތުސްތަވާ ނުވަތަ އީކްއޭޓަރގެ އުތުރުން ލޮނޖިޓިއުޑް 73.45 ޑިގްރީ ގައެވެ. އަދި ލެޓިޓިއުޑް 5.88 ޑިގްރީގައެވެ. ވެރިރަށް މާލެ އާއި ލަންދޫ އާއި ދެމެދު ހުންނަނީ 190.31 ކިލޯ މީޓަރެވެ. ލަންދޫއަކީ ނ.އަތޮޅުން 4 ވަނަ އަށް އެންމެ ބިންބޮޑު ރަށެވެ. އަދި އާބާދީގެ ގޮތުން 7 ވަނައަށް މީހުން އެންމެ ގިނަ ރަށަކަށް ލަންދޫ ވެފައިވާއިރު ލަންދޫއަށް ލިބިފައިވާ ކޯޑް އަކުރަކީވެސް D-7 އެވެ.

ލަންދޫ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ރަށްތަކުގެ ތެރޭގައި ހިމެނޭ ޤަދީމީ ރަށެކެވެ. އަދި ލަންދޫ އަކީ ކުރީޒަމާނުގައި ކަމްވޮށިވެގެންވާ ހަރު މީހުން އުޅުނު ރަށެއްކަމާއި ، ލަންދުއަކީ ކުރިން ރާއްޖޭގެ ފަނޑިޔާރު ބޭކަލަކަށް އޮންނަ ރަށެއްކަންވެސް ދިވެހި ތާރީޚް ހެކިދެއެވެ. އަދި މީގެއިތުރުން ލަންދޫއަކީ އާޘާރީ ގޮތުންވެސް ފާހަގަކޮށްލެވޭ ޚާއްޞަ ރަށެކެވެ. އެގޮތުން މިރަށުގައި ރެދިންގެ ”މާބަދިގެ” ކިޔާތަނެއް ހުރެއެވެ. އަދި އެތަނާ ގުޅުންހުރި 6 ތަނެއްގެ ބިންގާ ވަނީ ފެނިފައެވެ.

ކުއްޅަވަށް

ލަންދޫ ވޮޑެމުންދިޔައިރު ބޮޑުކުޅިއެއް އުފެދުނު ކަމަށާއި ، އެކުޅި އޮތްތަން މިހާރު ވަނީ ކުއްޅަވަށް ފަލަކަށް ބަދަލުވެފައި ކަންވެސް ދުވަސްވީ ފަތްފުއްތަކުން ހާމަކޮށްދެއެވެ. ރާއްޖޭގައި އެންމެ ގިނައިން ”ކުއްޅަވަށް” އޮންނަ ރަށަކީ ލަންދޫއެވެ. ލަންދޫއަކީ ބިންގަނޑު މޮޅު ދަނޑުވެރިކަމުގެ ރޮނގުން އަރާހުރި ރަށެކެވެ. ކާއްޓާއި ، ކަށިކޭލާއި ، ކަނޑޫފަދަ ބާވަތްތަކުގެ އިތުރުން ފަލަމަޑީގެ ބާވަތްތައްވެސް ގިނަޢަދަދަކަށް އޮތް މިރަށަކީ ބުނެވޭގޮތުގައި ދުވާލަކު 1000 ( އެއްހާސް ) ކާށި ބިންމަތީގައި ޖެހޭ ރަށެކެވެ.

އެއްބައިވަންތަ ރައްޔިތުން

ލަންދޫއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަރަށެކެވެ. ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ރަށުގެ ޒުވާނުންނާއި ފިރިހެންބޭފުޅުންނާއި އަންހެން ކަނބަލުން އަދި ދޮށީއުމުރު ފުރާގެ މީހުން މިހާރުވެސް ބައިވެރިވަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ރަށުގައި ކުރެވިފައިވާ ގިނަ މަސައްކަތްތަކަކީ ރައްޔިތުން ރަށުގެ ތަރައްޤީއަށް ހިލޭ ސާބަހަށްކޮށްފައިވާ މަސައްކަތްތަކެކެވެ. މިގޮތުން ރަށުގައި ބަނދަރު ނުހަދާއިރު 1999 ވަނަ އަހަރު ރައްޔިތުން ހިލޭ ސާބަހަށް ނުކުމެ އަމިއްލަ ގެއިން ކައިގެން ރަށުގެ ހުޅަނގު ފަރާތުގައި 400 ފޫޓް ދިގު 12 ފޫޓް ފުޅާ ޖެޓީއެއް އަޅާ އަރާ ފޭބުމަށާއި މުދާ ބޭލުމަށް މިޖެޓީ ބޭނުން ކުރިއެވެ. ގުރޭޑް 10 އާއި ހަމައަށް ތައުލީމް ހާސިލްކުރަމުން ގެންދާ ލަންދޫ ސްކޫލަކީ މިހާރު މެދުކެނޑުމެތްނެތި 50 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސްކޫލެކެވެ.